"ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް
އިލްހާމު ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި،
މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ. ދެން ތިޔަ ކުޅަނދުރު، ހުރިހާ
މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް
ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް
ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ:މާމުއީގައި) މީސްތަކުންނަށް ބަލިފަސޭހަވުން
ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން
ކަށަވަރެވެ."(16:68,69)
އަދި ތިރްމިޛީ ރިވާކުރެއްވި
ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ."ދެ
ފަރުވާއެއްގެ ބޭނުން ހިފާށެވެ. އެއީ މާމުޔާއި ޤުރްޢާނެވެ."
މަތީގައި
ބަޔާންކުރެވިފައިވާ ކީރިތި ޤުރްޢާނުގެ އާޔަތާއި ރަސޫލާ ޞައްލަﷲ ޢަލައިހި
ވަޞައްލަމްގެ ޙަދީޘްފުޅުން އިނގޭ ގޮތުން މާމުއީގައި ބަލިތަކަށް ފަރުވާވެއެވެ. މިއީ
ޙަޤީޤަތެއްކަން ސައިންސްގެ އަލީގައިވެސް ވަނީ ސާބިތުވެފައެވެ. މާމުޔަކީ އެކިއެކި
ބަލިތަކަށް ފަރުވާއެއް ކަމަށް ހުޅަނގުގެ އެތަކެއް ޑޮކްޓަރުންނާއި
ސައިންސްވެރިންނެއްވެސް އެއްބަސްވެއެވެ.
މާމުއީގައި ގްލުކޯސްއާއި
ފްރުކްޓޯސްފަދަ ހަކުރުގެ ބާވަތްތައް ހިމެނެއެވެ. އަދި މެގްނީސިއަމް، ޕޮޓޭސިއަމް،
ކެލްސިއަމް، ސޯޑިއަމް ކްލޮރައިން، ސަލްފަރ، އަޔަން، އަދި ފޮސްފޭޓް ފަދަ މިނެރަލްސް
އެކުލެވެއެވެ. އަދި ވިޓަމިންގެ އެކި ބާވަތްތައްވެސް ހިމެނެއެވެ.
ތިރީގައި މިވަނީ މާމުއިން
ލިބިދޭ ބައެއް ފައިދާތަކެވެ.
- މާމުޔަކީ ފަސޭހައިން
ހަޖަމްވާ އެއްޗެކެވެ.
- މާމުއިގައި އެކުލެވިގެންވާ
ކެލޮރީގެ ޢަދަދު، ހަކުރުގައި އެކުލެވިގެންވާ ކެލޮރީގެ ޢަދަދަށްވުރެ 40% ދަށެވެ.
ނަމަވެސް ހަށިގަނޑުގެ ބަރުދަން އިތުރުނުވި ކަމުގައި ވިޔަސް ފުރިހަމައަށް ހަކަތަ
ލިއްބައިދެއެވެ.
- ލޭ އުފެދުމަށާއި ލޭ
ސާފުވުމަށް މާމުއި އެހީވެދެއެވެ.
މާމުއިން ލިބިދޭ ފަރުވާތައް
- ފެނަށް މާމުއި އަޅައިގެން
ބުއިމަކީ ކުޅިވަރުކުޅޭ މީހުންނަށާއި ގިނަވަގުތު މަސައްކަތުގައި ހޭދަކުރާ
މީހުންނަށް ވަރަށް ރަނގަޅު ބުއިމެކެވެ. މިބުއިމުން ގެއްލިފައިވާ ހަކަތަ
ވަރަށްއަވަހަށް އަނބުރާ ލިބިދެއެވެ.
- ލުނބޯ ހުތަށް މާމުއި
އެއްކޮށް ކުޑަކޮށް ހޫނު ކޮށްގެން ބުއިމަކީ ކަރުގައި ރިއްސުމަށް ރަނގަޅު
ފަރުވާއެކެވެ.
- ކޮންމެ ދުވަހަކު ހެނދުނު
ސައި ބުއިމުގެ ކުރިން ލުނބޯހުތް އަޅާފައިވާ މާމުއިގެ އެއް މޭޒުމަތީ ސަމުސާ
ބުއިމުން ބަރުދަން ލުއިވުމަށް އެހީވެދެއެވެ.
- ހަށިގަނޑުގެ ތަނެއް
ފިހިއްޖެނަމަ ވަގުތުން އެތަނެއްގައި މާމުއި އުނގުޅުމުން ފޮޅުލުމުން
ދުރުކޮށްދެއެވެ. އަދި ދިލަނެގުން ކުޑަކޮށްދެއެވެ.
މިލިޔުމުގައި ބަޔާން
ކޮށްފައި މިވަނީ މާމުއިން ލިބިދޭ ބައެއް ފައިދާތަކެވެ. މިނޫނަސް އެތަކެއް ފައިދާ
ތަކެއް މާމުއިން ލިބިދެއެވެ.
No comments:
Post a Comment