Tuesday, August 24, 2010

ތަޢުލީމީ ޒުވާނަކާއި ޢިލްމުވެރިއެއް


ދުވަސްތަކެއް ވަންދެން ޢިލްމު ހޯދުމަށްޓަކައި ޒުވާނަކު އެކި ޤައުމުތަކަށް ދަތުރުކުރިއެވެ. އޭނާ އެނބުރި ޤައުމަށް އައުމަށްފަހު، އޭނާ ކުރާ ތިން ސުވާލަކަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ ތަޖުރިބާކާރެއް ހޯދައިދިނުމަށް އޭނާގެ މައިންބަފައިން ގާތުގައި އެދުނެވެ. އެ ޒުވާނާގެ އެދުމާއި އެއްގޮތަށް އޭނާގެ މައިންބަފައިން އޭނާއަށް މުސްލިމް ޢިލްމުވެރިއެއް ހޯދައިދިނެވެ.

ޒުވާނާ: ތިއީ ކާކު؟ އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދެވިދާނެތަ؟
ޢިލްމުވެރިޔާ: އަހަންނަކީ ﷲ (ޞުބުޙާނަހޫ ވަޠަޢާލާ)ގެ އަޅުތަކުންގެ ތެރެއިން އަޅެއް. އިންޝާﷲ ހުރިހާ ސުވާލުތަކަށްވެސް ޖަވާބު ދެވޭނެ.
ޒުވާނާ: ޔަޤީންތަ؟ އެތަކެއް ޕްރޮފެސަރުންނާއި ތަޖުރިބާކާރުންނަށް އަހަރެންގެ ސުވާލުތަކަށް ޖަވާބެއް ނުދެވުނު.
ޢިލްމުވެރިޔާ: ﷲ (ޞުބުޙާނަހޫ ވަޠަޢާލާ)ގެ އެހީތެރިކަމާއެކު އަހަރެންނަށް ކުރެވުނު އެންމެ ފުރިހަމައަށް ޖަވާބު ދިނުމަށް މަސައްކަތް ކުރާނަން
ޒުވާނާ: އަހަރެންގެ ތިން ސުވާލު އެބައޮތް:
1- ކަލަކު ވޮޑިގެންވޭތަ؟ ކަލަކު ވޮޑިގެންވާނަމަ އެކަލާނގެ ހުންނަ ސިފަ އަހަންނަށް ދައްކާ ދޭށެވެ.
2- ތަޤްދީރަކީ ކޮބާ؟
3- ޝައިޠާނާ އުފައްދަވާފައިވަނީ އަލިފާނުންކަމުގައިވާނަމަ، ކީއްވެ ޝައިޠާނާ ނަރަކައަށް އެއްލާލެވެނީ؟ ނަރަކައަކީ ވެސް އަލިފާނުން އުފައްދަވާފައިވާ އެއްޗެއްނު. ހަމަގައިމުވެސް ނަރަކަ އޭނާއަށް ޢަޒާބަކަށް ނުވާނެ. އެއީ ޝައިޠާނާ އާއި ނަރަކަވެސް ހައްދަވާފައިވަނީ އަލިފާނުން. ﷲ (ޞުބުޙާނަހޫ ވަޠަޢާލާ) އެކަމާމެދު ނުވިސްނައްވަނީ ތޯ؟
ކުއްލިއަކަށް ޢިލްމުވެރިޔާ އެ ޒުވާނާގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހިއެވެ.
ޒުވާނާ (ތަދު އިޙްޞާޞް ކުރެވެމުން): ކީއްވެ އަހަރެންދެކެ ރުޅި އައީ؟
ޢިލްމުވެރިޔާ: ރުޅިއެއް ނާންނަން. އަހަރެން މިދިނީ ކަލޭ ކުރި ތިން ސުވާލުގެ ޖަވާބު.
ޒުވާނާ: އަހަންނަކަށް އެއްގޮތަކަށްވެސް ނުވިސްނުނު.
ޢިލްމުވެރިޔާ: އަހަރެން ޖެހުމުން ކޮންކަހަލަ އިޙްޞާސެއް ކުރެވުނީ؟
ޒުވާނާ: ޔަޤީނުންވެސް ތަދު އިޙްޞާސްވި
ޢިލްމުވެރިޔާ: އެހެންވީމާ، ތަދަކީ ވާ އެއްޗެއްކަމަށް ޤަބޫލުކުރަންދޯ؟
ޒުވާނާ: އާން
ޢިލްމުވެރިޔާ: ތަދު ހުންނަ ސިފަ އަހަންނަށް ދައްކާދީބަލަ!
ޒުވާނާ: ނުދެއްކޭނެ
ޢިލްމުވެރިޔާ: ތިއީ އަހަރެންގެ ފުރަތަމަ ޖަވާބު. އަހަރެމެން އެންމެންނަށްވެސް ﷲ (ޞުބުޙާނަހޫ ވަޠަޢާލާ) ވޮޑިގެންވާކަން އިޙްޞާސް ކުރެވޭ އެކަލާނގެ ސިފަ ނޭންގުނު ކަމުގައި ވިޔަސް...........ރޭގައި ހުވަފެނެއް ފެނުނުތަ އަހަރެން ކަލޭގައިގަ ޖަހާތީ؟
ޒުވާނާ: ނޫން
ޢިލްމުވެރިޔާ: އެއްވެސް އިރެއްގައި ހިތަށްއެރިތަ އަހަރެން ކަލޭގައިގަ މިއަދު ޖަހާނެކަމަށް؟
ޒުވާނާ: ނޫން
ޢިލްމުވެރިޔާ: އެއީ ތަޤްދީރު، އަހަރެންގެ ދެވަނަ ޖަވާބު.........އަހަރެން ކަލޭގައިގަ ޖަހަން ބޭނުންކުރި އަހަރެންގެ އަތް އުފައްދަވާފައިވަނީ ކޮން އެއްޗަކުން؟
ޒުވާނާ: އަތް އުފައްދަވާފައިވަނީ މަހުން.
ޢިލްމުވެރިޔާ: ކަލޭގެ މޫނު ހައްދަވާފައިވަނީ ކޮން އެއްޗަކުން.
ޒުވާނާ: މަހުން
ޢިލްމުވެރިޔާ: އަހަރެން ޖެހުމުން ކޮން އިޙްޞާސެއް ކުރެވުނީ؟
ޒުވާނާ: ތަދު
ޢިލްމުވެރިޔާ: ތިއީ އަހަރެންގެ ތިންވަނަ ޖަވާބު. ޝައިޠާނާ އާއި ނަރަކަ އަލިފާނުން ހައްދަވާފައިވީ ކަމުގައިވިޔަސް ﷲ (ޞުބުޙާނަހޫ ވަޠަޢާލާ) އިރާދަކުރައްވައިފިނަމަ، އިންޝާﷲ، ނަރަކަ ވެގެންދާނީ ޝައިޠާނާއަށް ވޭންދެނިވި ޢަޒާބު ހުރިތަނަކަށް.

No comments: